ދުންފަތާއި ދުރު ޖީލެއް ބިނާކުރުމަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
”ނޭޝަނަލް ޓޯޗް ރަން“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ ޒުވާން އެތުލީޓުންނާއި ކުރިމަގުގައި ގައުމީ ޓީމުގެ އެތުލީޓުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށް ދިއުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ އެތުލީޓުންގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ދުންފަތުން ދުރުވުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމު ވަރުގަދަވެ، ބުންވަރު އިތުރުވުމަށް އެހީވެދެއެވެ. އަދި ފޯކަސް ރަނގަޅުވެ، ގިނަވަގުތު ތަމްރީނުތަކުގައި ހޭދަކުރުމަށް ބޭނުންވާ ހަކަތަ އިތުރުވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ފިޓްނަސް ރަނގަޅުވެ، ހަރަކާތް އަވަސްވެ، ކުޅިވަރުން ލިބޭ އަނިޔާތަކުން ރިކަވަރ ކުރުން އަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ވޭޕާއި އީ ސިނގިރޭޓް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަނާކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރެއްހާ ދުވަހު މިކަމުގެ ފައިދާ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ލިބިފައިވާ ކަމަށެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ކުޅުންތެރިޔާ މޮޅަށް ޕާފޯމް ކުރާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ކެރުންތެރި ނިންމެވުމާއެކު ތަސްދީގުކުރެއްވި ގާނޫނަށް އަމަލުކުރަން ފެށުމަކީ ދުންފަތާއި ދުރު ދުޅަހެޔޮ އައު ޖީލެއް ބިނާކުރުމުގެ ފެށުންކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތާއި ދުރު ޖީލެއް ބިނާ ކުރުމަށް މި އެޅޭ ފިޔަވަޅަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން، ސްޕޯޓްސް އަދި ހެލްތް މިނިސްޓްރީއާއި ޑަބްލިއުއެޗްއޯ ގުޅިގެން 24 ގަޑިއިރުގެ ދުވުމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ދުވުމުގައި ރާއްޖޭގެ ގިނަ ރަށްތަކަކުން ބައިވެރިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މާލޭގައި ކުރިޔަށް ގެންދިޔަ ދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި އަދި ސަރުކާރުގެ ނަމުގައި މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.




