ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން، ސްޓްރީމިންގްގެ ބޮޑު ކުންފުނި ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ސްޓޫޑިއޯގެ ގިނަ ފިލްމުތަކެއް ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން ވައިއާރްއެފްގެ ފިލްމުތައް ނެޓްފްލިކްސް އިން ބެލޭނެ ގޮތް ހަމަޖެހިގެން ދިޔަ އިރު، ދާދި ފަހުން ވައިއާރްއެފް އިން ގެނެސްދިން ދެ ފިލްމެއް ވެސް އެ ޕްލެޓްފޯމަށް އޮތީ ކުރިން ދޫކޮށްލައިފައެވެ.
އެއީ ޖުލައި މަހު ރިލީޒްކުރި ”ސައްޔާރާ” އާއި އޮގަސްޓް މަހު ގެނެސްދިން ”ވޯ 2” އެވެ. މި ދެ ފިލްމު ވެސް ވަނީ ނެޓްފްލިކްސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ވައިއާރްއެފް އަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާ 1970 ގައި އުފެއްދެވި ކުންފުންޏެކެވެ. ހިންދީ ސިނަމާގެ ކާމިޔާބު ލޯބީގެ އެތައް ފިލްމެއް ގެނެސް ދީފައިވާ ޔާޝް ޗޯޕްޅާ 2012 ވަނަ އަހަރު މަރުވި ފަހުން، މިހާރު ސްޓޫޑިއޯ ހިންގަމުން އަންނަނީ އޭނާގެ ދޮށީ ދަރިފުޅު، ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އެވެ.
ވައިއާރްއެފް އަކީ ބޮލީވުޑްގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ އެއް ސްޓޫޑިއޯއެވެ.




