ނަޞްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފް އިން ބާއްވާ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާނެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހަރަކާތްތައް ބަލާލުމަށް ޢާންމުންނަށް ވަދެވޭނެ ތިން ދިމާލެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، މައިދާނަށް ވަދެވޭނީ އަމީރު އަޙްމަދު މަގުގެ ދެކޮޅުންނާއި، އިސްލާމީ މަރުކަޒާއި ސިފައިންގެ ކަންމައްޗާއި ދެމެދުން ކަމަށެވެ. އަމީރު އަޙްމަދު މަގުން ވަންނައިރު، ދިފާޢީ ވުޒާރާ ހިންގާ ބިލްޑިންގެ ކަންމައްޗާއި، ކުރީގެ އެމްއެމްއޭ ހިންގި ބިލްޑިންގެ ހުޅަނގު ކަންމަތިން ވަދެވޭނެއެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގުން މައިދާނަށް ވަދެވޭނީ ހަމައެކަނި ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާއި ޢިއްޒަތްތެރިންނަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ހާމަކުރައްވާފައެވެ.
މި އަސްކަރީ ޑެމޮންސްޓްރޭޝަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. ޢާންމުންނަށް ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވޭނެ ގޮތަށް ހަމަޖެހިފައިވަނީ 15:30 އިން ފެށިގެންނެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފް އިން ވަނީ މާލެއާއި އަތޮޅުތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ރާވާފައެވެ. ރަސްމީ ޖަލްސާ މާދަމާ ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި އޮންނައިރު، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެ ވަޑައިގަންނަވާ ގދ. ތިނަދޫ ސިޓީގައިވެސް ސިފައިންގެ މައުރަޒެއް މިމަހުގެ 7 އަދި 8 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނޮވެންބަރު 8 ގައި ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތައް ދައްކާލުންވެސް އޮންނާނެއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ޖުމްލަ 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.



