ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޑޮލަރުތައް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރޭޝަމް، ލ. މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، މާލެ، އަހުމަދު ރައިހާން ނައީމް (20އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، އިބްރާހިމް އަނޫފް (24އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، ހުސައިން ޝަހުދުއެވެ.
ބީއެމްއެލްގެ ޑޮލަރުތައް އެއާޕޯޓުން ފޭރިގަނެފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން މި ފައިސާ ފޭރިގަނެފައިވަނީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އަދި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހުއެވެ.
އެ މީހުންގެ ބަންދަށް ފުރަތަމަ 5 ދުވަސް ދިން އިރު، އެ ފަސް ދުވަސް މިއަދަށް ހަމަވުމުން އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައެވެ.
މި ހަތަރު މީހުންނާއި މި މީހުން ދަތުރުކުރި ލޯންޗު އަތުލައިގަތް ނަމަވެސް، އެ މީހުން ފޭރިގަތް 100،000 އެމެރިކާ ޑޮލަރު އަދިވެސް ހޯދިފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤްކުރަމުންނެވެ.




