ރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހަދާފައިވާ ހަނދާނީ ބިނާ، ރަސްމީކޮށް ހުޅުވައިފިއެވެ.
މި ބިނާ ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ޝަހީދު ހުސައިން އާދަމުގެ ފަރާތުން އަހުމަދު އާދަމް، އައިޝަތު ޔުމްނާ އަހުމަދު، ފާތިމަތު ނީމް އަބްދުއްރަޝީދުއެވެ.
މި ބިނާ ހަދާފައިވަނީ ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ މި ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ބިނާގެ މައިގަނޑު ބަޔަކީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. މީގެ އިތުރުން، ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާންގެ ނަކަލެއް ވެސް ބިނާގައި ހިމެނެއެވެ.

މި ބިނާއިން ދައްކައިދެނީ ދިވެހި ގައުމުގެ ދިފާއުގައި ހަމަލާ ދިނުމަށް އޭނާ ގެންގުޅުއްވި ބަޑިއާ ދުޝްމަނުގެ ހަމަލާތަކުން ޝަހީދުވެގެން ވެއްޓި ވަޑައިގެންނެވި ތަނެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ބިނާގެ ފަރުމާ ހުންނާނީ ރައުންޑައަބައުޓެއްގެ ތެރޭގައެވެ. ބިނާއާ ގުޅިގެން ފެހިކުލަ އާއި ރަތްކުލައިގެ ގަސްގަހުން ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ބިނާގެ ފްލޯ ހުންނާނީ ވިދާ ގޮތަކަށް ފަރުމާކޮށްފައެވެ.
އެ ހަނދާނީ ބިނާ ފަރުމާކޮށް، ބިނާ ހެދުމަށް ޖުމްލަ ނުވަ ލައްކަ ރުފިޔާ ހަރަދުކުރީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ. ކައުންސިލުން ވިދާޅުވީ، ހަނދާނީ ބިނާގެ ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވަށް ބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ.
ޝަހީދު ހުސައިން އާދަމް ޝަހީދުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިވެހިރާއްޖެއަށް ދިން ކުއްލި ހަމަލާގައެވެ.
މި ދުވަސް، ނަސްރުގެ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.




