ނައިޖީރިޔާގައި ނަޞާރާ ދީނުގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން، ހުޅަނގު އެފްރިކާގައި އޮންނަ އެ ޤައުމަށް އެމެރިކާ ސިފައިން ފޮނުވައި، ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ނައިޖީރިޔާގައި ނަޞާރާއިންނަށް ޢަމާޒުކޮށް ގިނަ އަދަދެއްގެ މީހުން މަރަމުންދާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި، އެމެރިކާގެ ސިފައިން ނައިޖީރިޔާއަށް ފޮނުވައިގެން ވިޔަސް، ކޮންމެހެން ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައި މިވަނީ، ނަޞާރާއިން މެރުން ނައިޖީރިޔާގެ ސަރުކާރުން ނުހުއްޓުވައިފިނަމަ އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން މީގެ ކުރިން ވެސް ދީފައިވަނިކޮށެވެ. މީގެ އިތުރުން، ނަޞާރާއިން މަރައިލި މައްސަލައާ ގުޅިގެން، ދީނީ މިނިވަންކަމެއް ނެތް ކަމަށް ބުނެ، އިތުރަށް ސަމާލުވާންޖެހޭ ޤައުމުތަކުގެ ލިސްޓުގައި އެމެރިކާ ސަރުކާރުން ވަނީ ނައިޖީރިޔާ ހިމަނާފައެވެ.
އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ މި ލިސްޓުގައި ހިމެނޭ އެހެން ޤައުމުތަކުގެ ތެރޭގައި ޗައިނާ، މިޔަންމާ، އުތުރު ކޮރެޔާ، ރަޝިޔާ އަދި ޕާކިސްތާނު ހިމެނެއެވެ.
ނަމަވެސް، ނައިޖީރިޔާގެ ސަރުކާރުން ވަނީ އެމެރިކާގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ބައެއް ޖަމްޢިއްޔާތަކުން ބުނެފައިވަނީ، ނަޞާރާއިން ސީދާ އަމާޒުކޮށް، ނައިޖީރިޔާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަމަލާދޭ ކަމުގެ ހެއްކެއް ނެތް ކަމަށެވެ.
މިކަމުގެ ސަބަބުން، ނައިޖީރިޔާގެ ހާލަތާބެހޭ ގޮތުން އެމެރިކާއިން ދޭ މައުލޫމާތާއި، އެހެން ފަރާތްތަކުން ދޭ މައުލޫމާތާ ދެމެދު ވަނީ ޚިލާފުތަކެއް އުފެދިފައެވެ.



