ނޮވެމްބަރު ތިނެއްގެ ޝަރަފުގެ އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނަށް ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާފައެވެ. މައުމޫން އަބްދުލްގައްޔޫމަށް މި އައްޑަނަ އަރުވާފައި ވަނީ މިއަދު ބޭއްވި ނޮވެމްބަރު ތިނެއްގެ ހާއްސަ ޖަލްސާގައެވެ.
”އަޅުގަނޑުގެ ނަޒަރުގައި މިފަހުރުވެރި އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން.“ މައުމޫން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، މި އައްޑަނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ނޮވެންބަރު މަހުގެ ތިނެއްގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސް ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، އެދުވަހުގެ ހަމަލައިގައި ޝަހީދުވި ސިފައިންނާއި، އާންމުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޖުމްލަ 19 ބޭފުޅަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރެއިން އަށް ބޭފުޅުންނާއި، އާންމުންގެ ތެރެއިން 11 ބޭފުޅުން ހިމެނެއެވެ.



