ކުޅުދުއްފުށި ސިޓީ، ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް، އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިގޮތުން ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުތަކަކީ 30 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެކެވެ. މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭނެއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.
ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ގިނަ މަޝްރޫޢުތަކެއް މިހާރުވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މީގެ ކުރިން ފަށާފައިވާ އެކި މަޝްރޫޢުތަކުގެ ދުވެލި ބާރުކޮށް ވީހާވެސް އަވަހަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.



