ވިއެޓްނާމްގެ މެދުތެރޭ އައްސޭރިފަށަށް ކެޓަގަރީ ހަތަރެއްގެ ބާރުމިނުގައި ތޫފާނެއް އަރައިފިއެވެ.
ކަލްމޭގީގެ ނަމުން ނަންދެވިފައިވާ މި ތޫފާނުގެ ސަބަބުން މިހާތަނަށް ފަސް މީހުން މަރުވެ، ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި މީހުން މަރުވެފައި ވަނީ ވިއެޓްނާމްގެ މެދުތެރޭގައި ހިމެނޭ ކުއަންގް ގާއީ، ގިއާ ލައި އަދި ޑަކް ލަކް ޕްރޮވިންސްތަކުގައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ތޫފާނުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ވިއެޓްނާމްގެ މެދުތެރޭ ސަރަހައްދުގައި ހިމެނޭ ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ތޫފާން ކަލްމޭގީ ވިއެޓްނާމްގެ މެދުތެރޭ ސަރަހައްދަށް އިއްޔެ އެރިއިރު، ގަޑިއަކު 149 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވެއެވެ. ކަލްމޭގީގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އިތުރުވެ، އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭތީ، އެމަޖެންސީ އެޖެންސީތައް މިހާރު ތިބީ އެންމެ މަތީ އެލާޓްގައެވެ.
ވިއެޓްނާމަށް އަރަންވުމުގެ ކުރިން، މި ތޫފާން ވަނީ ފިލިޕީންސަށް ވެސް އަރާފައެވެ. ފިލިޕީންސަށް އެރި އެންމެ ނުރައްކާތެރި އެއް ތޫފާންގެ ގޮތުގައި ފާހަގަކުރެވޭ ކަލްމޭގީގެ ސަބަބުން އެ ގައުމުން 140 މީހުން މަރުވެ، 127 މީހުން ގެއްލިފައި ވެއެވެ.



