ފީފާ ޕީސް ޕްރައިޒްގެ ނަމުގައި ސުލްހައިގެ އިނާމެއް ދޭން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.
ފީފާއިން ދޭ ޕީސް ޕްރައިސް އިއުލާނު ކޮށްފައި ވަނީ ”ފީފާ ޕީސް ޕްރައިޒް- ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް“ ގެ ނަމުގައެވެ.
ފީފާއިން އިއުލާނު ކޮށްފައިވާ ގޮތުގައި އެ އެވޯޑު ދޭނީ ސުލްހައަށް ވަކި ފަރުދަކު ކުރާ ބުރަ މަސައްކަތެއްގެ އަގު ވަޒަން ކުރުމަށެވެ.
ފީފާއިން ބުނީ ބައިބައިވެފައިވާ ދުނިޔެއެއްގައި، ބައިބައިވުންތައް ނައްތާލައި، މީހުން އެކުވެރިކަމުގައި ނަމޫނާ މަސައްކަތްތެއް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފީފާއިން އިތުރަށް ބުނީ ފުޓުބޯޅައިން ރަމްޒުކޮށްދޭ އެކެއްޗަކީ ސުލްހަމަސަލަސްކަން ކަމަށާއި، ފުޓުބޯޅައަކީ މުޅި ދުނިޔެ އެކުވެރިކުރުވާނެ ބާރުގަދަ ހަތިޔާރެއް ކަމަށެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ބޭނުންކޮށް، މުސްތަގުބަލުގެ ޖީލުތަކަށް ނަމޫނާ ދައްކަން ޖެހޭ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
ފީފާގެ ސުލްހައިގެ އިނާމު ދޭން ނިންމާފައި ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ. އުތުރު އެމެރިކާ ގައުމުތަކުގައި ބާއްވާ އަންނަ އަހަރު ވޯލްޑް ކަޕްގެ ގުރު ނެގުން އޮންނާނީ އަންނަ ޑިސެމްބަރު މަހު ފަސްވަނަ ދުވަހުއެވެ.
އެ އިވެންޓް އޮންނާނީ ޖޯން އެފް ކެނެޑީ ސެންޓަރުގެ ޕާފޯމިން އާޓްސް ސެންޓަރުގައެވެ. އެއީ އެމެރިކާގެ ވޮޝިންޓަނުގައެވެ.


