މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާރ ކޯއަށް މިލިޓަރީ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމްއެންޑީއެފްގެ ގަން އެއާރ ސްޓޭޝަން އިފްތިތާހު ކުރުމަށް އިއްޔެ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން ކަމަށެވެ. މި އަންނަ އަހަރަކީ ވެސް މިލިޓަރީ ދާއިރާއިން ރާއްޖެ އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، އެމްއެންޑީއެފްގެ އެއާރ ކޯއަށް މިލިޓަރީ މަތިންދާބޯޓުތައް ހޯދުމަށް ނިންމާ އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އެމްއެންޑީއެފްގެ ކެޕޭސިޓީ ސައިބާ ވަރފެއާއަށް އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް އެމްއެންޑީއެފްގައި ގާއިމުކުރުމަކީ ވެސް ދެކޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”އެމްއެންޑީއެފްއަކީ ވަށާޖެހިފައިވާ، ހުރިހާ ގޮތަކުންވެސް މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް މި ޤައުމު ހިމާޔަތްކޮށް މި ޤައުމު ދިފާއުކުރުމަށް ޖެހޭ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް އެންމެ ކުރީސަފުގައި، އެންމެ ވަރުގަދައަށް މަސައްކަތްކުރެވޭނެ ވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ، އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެވަރުގަދަ އަޒުމުގައިކޮށް ކާމިޔާބު ކުރާނެ ކަމެއް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ ރާއްޖެއަކީ ރައްކާތެރިތަނެއްކަމަށް އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި، އިގްތިސާދަށް އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވާނީ ސަލާމަތީގޮތުން ވަރުގަދަތަނަކަށް ރާއްޖެ ވެގެން ކަމަށެވެ.
އިސްލާމީ ވަހުދަތު ކަށަވަރުކުރެވި، ގައުމު އިގްތިސާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި ރާއްޖޭގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ގާއިމުވެފައިއޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.



