ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ފަށައިފިއެވެ.
މި ފެސްޓިވަލަކީ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. މާލެ ސަރަހައްދުގެ 18 އެކަޑަމީއަކުން 1500 އަށް ވުރެ ގިނަ ކުދިން މި ފެސްޓިވަލުގައި ބައިވެރިވެއެވެ.
މާފަންނު ޓާފްގައި ކުރިޔަށްދާ މި ފެސްޓިވަލު ފެށުމުގެ ގޮތުން ފުރަތަމަ ކުރިޔަށް ގެންދިޔައީ 8 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މެޗުތަކެކެވެ. މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ. ހޮނިހިރު ދުވަހުވެސް ގިނަ އަދަދެއްގެ ކުދިންނާއެކު މި ފެސްޓިވަލް ކުރިޔަށް ގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.
އެފްއޭއެމުން ވަނީ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ބޭއްވުމަށް ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އެކަޑަމީތަކަށްވެސް މި ފުރުސަތު ފަހިކޮށްދީގެން އެކި ސަރަހައްދުތަކުގައި މި ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ. މައިގަނޑު ގޮތެއްގައި ސުކޫލު ބަންދުތަކާއި ދިމާކޮށް 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި މި ފެސްޓިވަލްތައް ބޭއްވުމަށް ވަނީ ރާވާފައެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށީ 1950 ވަނަ އަހަރެވެ. ޑައިމަންޑް ޖުބިލީ ހަރަކާތްތައް ކުރިޔަށް ގެންދާނީ 26 ޖުލައި 2025 ން 26 ޖުލައި 2026 އާއި ހަމަށެވެ.



