އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މިނިސްޓަރު މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމެވެ.
މި އެއްބަސްވުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބޭ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ސޮއިކުރާ އެއްބަސްވުމެކެވެ.
މީގެ އިތުރުން، މިނިސްޓަރު ޑރ. ޝަހީމް ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައެވެ.
ސަޢުދީ ޢަރަބިއްޔާއިން ވަނީ 1446 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމަނުއްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރޭގައި ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައިވެސް ވަޒީރު ބައިވެރިވެލައްވާނެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފައެވެ. އެގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.
އެގޮތުން، 1446 ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވިއިރު، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، އެކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ އިނާޔަތެއް ދެއްވިއެވެ.




