އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި 32،895 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު %12.3 އިތުރެ އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 1.8 މިލިޔަނަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ މި ހައި ސީޒަންގައި، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދުވެސް ވަނީ ފާއިތުވެދިޔަ 8 މަސްދުވަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހުގެ އެވްރެޖް އަދަދަކީ 6,579 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އެގޮތުން، މިހާތަނަށް 3 ލައްކައާއި ގާތްކުރާ އަދަދަކަށް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 233,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވައި، މިހާރު ވަނީ 20 އަށްވުރެ ގިނަ އެއަރލައިންގެ އޮޕަރޭޝަންސް އައު ޓާމިނަލްއަށް ބަދަލުކޮށްފައެވެ.



