ތައިލެންޑުގައި އިސްރާއީލުގެ ފަތުރުވެރިން ހައްޔަރުކުރާ މައްސަލަތައް ގިނަވެ، ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެދެން ފަށައިފިއެވެ.
ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ދޮރުތައް ހުޅުވުމަށްފަހު އިސްރާއީލުން ތައިލެންޑަށް ކުރާ ދަތުރުތައް ބޮޑުތަނުން އިތުރުވެފައިވާއިރު، ބައެއް ފަތުރުވެރިންގެ ފަރާތުން ފެންނަ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ތައިލެންޑުގެ އާންމުންގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.
މިކަމުގެ ސަބަބުން ތައިލެންޑުގެ ފުލުހުން ވަނީ ބިދޭސީ ފަތުރުވެރިންގެ އަމަލުތައް ބަލައިފާސްކުރުން އިތުރުކޮށްފައެވެ.
މިމަހުގެ 6 ވަނަ ދުވަހު ފުކެޓް އިންޓަނޭޝަނަލް އެއާޕޯޓުން 26 އަހަރުގެ އިސްރާއީލު ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އެއާޕޯޓް ސެކިއުރިޓީން އޭނާގެ ލަގެޖް ތެރެއިން 5.56 މިލިމީޓަރުގެ 29 ވަޒަން ފެނުމާ ގުޅިގެންނެވެ. ތައިލެންޑުގެ ހަތިޔާރާ ބެހޭ ހަރުކަށި ގާނޫނުތަކުގެ ދަށުން، މިފަދަ ކުށްތަކަށް 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މީގެ އިތުރުން، ކޯ ސަމުއީގައި ތައިލެންޑު ފުލުހުން ވަނީ 22 އަހަރުގެ އިސްރާއީލު ރައްޔިތެއް ކަމަށްވާ އޯޝާ ފާރްހީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލައަކާ ގުޅިގެން އެދިގެންނެވެ. ފާރްހީއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި ކޯ ފަންގަން އަވަށުގައި އާންމު ތަނެއްގައި ޖިންސީ ގުޅުން ހިންގަނިކޮށް ފިލްމުކުރެވިފައިވާ އިސްރާއީލުގެ ފަތުރުވެރި ދެމަފިރިއަކު ވެސް ހައްޔަރުކުރިއެވެ. އެ މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވާއިރު، މިފަދަ އަމަލުތަކާ ގުޅިގެން ތައިލެންޑުގެ މީޑިއާ އާއި އެ ސަރަހައްދުގެ ވިޔަފާރިވެރިން ވަނީ ބައެއް ބިދޭސީ ފަތުރުވެރިން، ހާއްސަކޮށް އިސްރާއީލުގެ ފަތުރުވެރިންގެ ފަރާތުން ފެންނަ އުނދަގޫތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާލަތާ ގުޅިގެން، މިމަހު 4 ވަނަ ދުވަހު އިސްރާއީލުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އަލޯނާ ފިޝަރް ކަމް އާއި ކޮންސުލް އެލީ ސްނެހް ވަނީ ސޫރަތު ތާނީގެ ގަވަރުނަރު ތީރޫތު ސުޕަވިބޫންފޯލްއާ ބައްދަލުކުރައްވައި ފަތުރުވެރިންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެގައުމުގެ ސަގާފަތާއި ގާނޫނުތަކަށް އިހުތިރާމު ކުރުމަށް ފަތުރުވެރިންނަށް ގޮވާލާފައެވެ. އަދި ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖަލަށްލުމުގެ އިތުރުން ގައުމުން ފޮނުވާލެވިދާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.




