އިންޑިއާގެ ފިލްމީ ދުނިޔޭގެ މަޝްހޫރު ދެމަފިރިންގެ ތެރޭގައި ހިމެނޭ ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލްއަށް ފިރިހެން ދަރިއަކު ލިބުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެ ދެމަފިރިންނަށް މަރުހަބާ ކިޔައިފިއެވެ.
ކެޓްރީނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ގްލޯބަލް އެމްބެސެޑަރެވެ.
ކެޓްރީނާއަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބަތަލާއެކެވެ. އެ ގުޅުމުގެ ސަބަބުން، މިއަދު ވިޒިޓް މޯލްޑިވްސްއިން ވަނީ އެމީހުންގެ ރަސްމީ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށް، ކެޓްރީނާ އާއި ވިކީއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފް ވިހެއިކަން ވިކީ އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައި އަމިއްލަ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
މިދެ ތަރިންނަށް އަލަތު ދަރިފުޅަކު ލިބުނު ހަބަރު އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު އިރު، ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންނާއި، ދެ ތަރިންގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.
ވިކީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި ބުނެފައި ވަނީ، ދެ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އަދި ދަރިފުޅަށް މަރުހަބާ ކިޔުނީ ލޯތްބާއި ނިމުމެއް ނެތް ހެޔޮ ދުއާތަކާ އެކު ކަމަށް ވިކީ ވަނީ ފާހަގަކޮށްފައެވެ.
ކެޓްރީނާ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއީ އެކަމާ ގުޅޭގޮތުން މީޑިއާތަކުން އެކި ފަހަރު މަތިން ޚަބަރު ފަތުރަމުން އަންނަތާ އެތައް މަހެއްވީ ފަހުންނެވެ.
ދަރިފުޅު އުފަންވުމުގެ ކުރިން ވިކީ ވަނީ ދެމަފިރިންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ’ޗެޕްޓަ‘ ފެށުމަށް ތައްޔާރު ކަމަށާއި، މުޅި އާއިލާއަށް ވެސް އެއީ ލިބުނު އެންމެ ބޮޑު އުފާ ކަމަށް ބުނެފައެވެ.



