އުފެއްދުންތެރިކަމާއި ތަހުޒީބާއި އުފާވެރިކަން ލިބޭނީ ގައުމު ބިނާކުރުމުގައި ސިއްހަތަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކެއުންބުއިމުގެ ނުރަނގަޅު އާދަތަކުން ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަހުލުވެރިކުރުވުމަށް ހިންގާ ”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު”ޤައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ދިރިއުޅުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ދަސްކޮށް އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި، އެކަމުގެ ސަބަބުން އެ ޤައުމަކަށް އެތައް ގޮތަކުން ކުރިއެރުންތައް އަންނާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
”ތޫނު ސިކުނޑިތަކެއް މުރާލިއަތްތަކެއް ހިވާގިކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން. އެފަދަ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ހިތްފަސޭހަކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން“ މިފަދަ ސިއްހަތު ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެން.“ އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ސަލާމަތް ސިއްހަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީންވެސް ބާރު އަޅާކަމެވެ. އެގޮތުން ހަލާލު ރަނގަޅު ކާބޯތަކެތި ކެއުމަށާއި، ކެއުން ބުއިމުގައި ވަކި މިންތަކެއް ގެންގުޅުމަށް ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށްވީތީވެސް މި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައްޔިތުންގެ އާއްމު ފައިދާއަށް ސަރުކާރުން ހިންގަވާ ޤައުމީ ކަންކަމުގައި ދިވެހިންނަކީ އަބަދުވެސް އެއްބާރުލުންދޭ ބައެއްކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނާސިރުގެ ވެރިކަމުގައި ހިންގެވި ޤައުމީ ބޮޑެތި ކެމްޕެއިންތަކަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ބޮޑު ތަރުހީބު މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިއުލާންކުރެއްވި ޖެނެރޭޝަނަލް ބޭންއަށް ބޮޑު ތަރުހީބެއް ލިބޭ މަންޒަރު އެބަފެނޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހިންގެ ތަބިއްޔަތު ހުންނަގޮތުން ދިވެހިންނަކީ އަބަދުވެސް ރަނގަޅު ކަންކަމަށް އާނއެކޭ ބުނާ ބައެއްކަމަށެވެ.
އަދި ދިވެހިންގެ ސިއްހަތަށް ހެޔޮ ބަދަލެއް ގެނެވޭ ގައުމީ ކެމްޕެއިނެއް މި އިފްތިތާހުކުރެވުނީ އެކަމަށް ގައުމު ވަރަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގަކަމަށާއި، މި ކެމްޕެއިންގައި މުޅި ރާއްޖެ ބައިވެރިވާނެކަން ޔަގީންކުރައްވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.


