ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތް ސްރީލަންކާގެ ބޯޓުގައި ގާތްގަނޑަކަށް 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ލަންކާގެ ނޫހަކުން މިއަދު ރިޕޯޓުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ވެސް ވަނީ އެ ބޯޓުން މަސްތުވާތަކެތި އަތުލައިގަތްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އަތުލައިގަތް އަދަދެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގެ ނޫހެއްގައިވާ ގޮތުން، ލަންކާގެ ހަ މަސްވެރިން ތިބި އެ ބޯޓުން އަތުލައިގަތީ ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) އެވެ. އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި ބޯޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއް ކަމަށްވާ ”ދެހިބަލޭ މައްލީ“ އާ ގުޅުން ހުރި ތަކެތި އުފުލި ބޯޓެކެވެ.
އެހެންނަމަވެސް، މި ބޯޓު ރާއްޖެ އައި ބޯޓެއް ކަމެއް ނޫނީ އެހެން ގައުމަކަށް ދިޔަ ބޯޓެއް ކަމެއް އެ ނޫހުން ސާފުކޮށްދީފައެއް ނުވެއެވެ.
މި ބޯޓު އެމްއެންޑީއެފުން އަތުލައިގަތީ ލަންކާގެ ކޯސްޓްގާޑުން ފޯރުކޮށްދިން އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އެމްއެންޑީއެފް އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ މި ބޯޓު ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ފާހަގަވުމުން، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިފަހަކަށް އައިސް އެމްއެންޑީއެފް އިން ވަނީ ޑްރޯންގެ ބޭނުން ހިފައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށްފައެވެ.
މި ހާދިސާގެ ކުރިން ވެސް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ވެސް ވަނީ އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން އަތުލައިގެންފައެވެ.



