ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހްމޫދު ރިޔާޒު ވަކިކުރީ، މިދިޔަ މަހުގެ 29 ގައެވެ.
އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެއެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ކުރިން ލަފާއެރުވީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގައެވެ. އެހެންނަމަވެސް މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވުމާ ގުޅިގެން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ބެލިއެވެ.
ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު، މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވަން ނިންމީ އެހެންވެ ލއެވެ.
މަހުމޫދު ރިޔާޒަކީ ކަސްޓަމްސް އަށް 33 އަހަރު ދިގު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ވިދާޅުވެފައި ވަނީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.
”މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،“ މަހުމޫދު ރިޔާޒު ވިދާޅުވެފައިވެއެވެ.
މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ކުރެއްވި އަބްދުﷲ ޝަރީފާއި މިހާރު ވެސް ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.


