އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ސުކޫލެއްގެ މިސްކިތެއްގެ ތެރޭގައި ބޮމެއް ގޮވައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖަކާޓާގެ ހުޅަނގުގައި ހުންނަ ހައި ސުކޫލެއްގައި، ދަންވަރު ގަޑިން 12:15 ހާއިރުއެވެ.
ހާދިސާ ހިނގުމާއެކު ސުކޫލުގައި ތިބި ހުރިހާ އެންމެން ވަނީ އަވަހަށް ދުވެ ބޭރަށް ނިކުމެފައި ކަމަށް، އެ ސުކޫލުގައި ކިޔަވަމުން އަންނަ 16 އަހަރުގެ މުހައްމަދު ރިޒްކީ މުޒައްފަރު އޭއެފްޕީއަށް ކިޔައިދީފައިވެއެވެ. އޭނާ ބުނި ގޮތުގައި ބޮން ގޮވާފައިވަނީ ސުކޫލުގައި ހުންނަ މިސްކިތުގައި ހުކުރު ނަމާދު ފެށި ތަނާހެންނެވެ.
ޖަކާޓާގެ ފުލުހުންގެ ތަރުޖަމާނު ބުދި ހާމަންޓޯ ބުނީ، ގާތްގަނޑަކަށް 54 މީހަކަށް އަނިޔާ ވެފައިވާއިރު 33 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުން ކަމަށެވެ.
މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވެނީ އަނިޔާވެ މިހާރު ސާޖަރީއެއް ކުރުމަށް ވައްދާފައިވާ އެ ސުކޫލުގެ ދަރިވަރަކަށް ކަމަށް ފުލުުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އަދި ނުނިންމައެވެ. އަދި އެ ގޮވުން ގޮވާފައިވަނީ ސުކޫލުގައި ހުންނަ މިސްކިތުގެ ފަހަތުގައި ހުރި ދޮރުގެ ކައިރިން ކަމަށް ހަބަރު ފަތުރާ ވަސީލަތަކުން ވަނީ ބުނެފައެވެ. ހާދިސާ ހިނގުމާއެކު އެންމެ ފުރަތަމަ ހީކުރެވުނީ ކަރަންޓް ސާމާނުން ނުވަތަ ސައުންޑް ސިސްޓަމުގެ މައްސަލައެއް ދިމާވެގެން ހިނގި ކަމެއް ކަމަށެވެ.
ސުކޫލުގެ އިމާރާތް ހުންނަ ސަރަހައްދުގައި ބޮމާ ބެހޭ ޓެކްނީޝަނުންގެ ޓީމެއް ހިމެނޭ ގޮތަށް ތަހުގީގުކުރާ ފަރާތްތަކެއް ހަރަކާތްތެރިވަމުންދާއިރު، ހާދިސާއާ ގުޅުން ހުރި ޕުލާސްޓިކް ސާމާނު ހުރި ދަބަހެއް ނަމާދުކުރަން ބޭނުން ކުރާ މުސައްލާއެއްގެ މަތިން އޭއެފްޕީގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ.
ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި ގޮވާފައިވަނީ އެ ދަބަސް ފެނުނު ދިމާލުން މުސައްލައެއްގެ އަޑިން ކަމަށް ސުކޫލުގެ ދަރިވަރަކު ބުނެފައިވެއެވެ. މިކަން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



