އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ސާބިތު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ، ރައީސް އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރަށް މަރުހަބާ ވިދާޅުވަމުން ރައީސް ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ސަރުކާރަށް، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ދިގު މުއްދަތެއްގައި ދެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ހާއްސަ ގޮތެއްގައި، އިންޑިއާގެ އެހީތެރިކަމާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ނިމިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އަބަދުވެސް ސާބިތު ބައިވެރިއެއް ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތައް މުއްދަތުގެ ތެރޭގައި ނިންމުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ވަޒީރު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވިގެންދިއުމާއެކު އެކަމަށް ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢު ކުރިއަށްދިޔަ ގޮތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް ގާތުން ބައްލަވައި، ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ.
މީގެ އިތުރުން، އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ މުއްދަތަށް ނިންމުމުގައި އެ ޤައުމުގެ ސަރުކާރުންދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ވަނީ ދެއްވާފައެވެ.




