އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ރެޑް ފޯޓް އޭރިއާގައި ކާރެއް ގޮވައި 10 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ މެދުތެރޭގައިވާ ހައި ސެކިއުރިޓީ ޒޯނެއްގައެވެ. މި ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވެފައި ވަނިކޮށް ހާދިސާ ހިނގި ގޮތަކާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އެހެންވެ، ދިއްލީގެ އިތުރުން މުމްބާއީގައި ވެސް ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް އިތުރުކޮށް އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ރިޕޯޓްކުރި ނަމަވެސް، ރަސްމީ އިދާރާއަކުން އަދި އެފަދަ ވާހަކައެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ދިއްލީގެ ޑެޕިއުޓީ ފަޔަ ޗީފް ވިދާޅުވީ، ޓްރެފިކް ލައިޓެއްގެ ކައިރިއަށް ވަރަށް މަޑުން ގޮސް ހުއްޓި ކާރެއް ގޮވުމުގެ ސަބަބުން، ޖުމްލަ ހަ ވެހިކަލެއްގައި ރޯވި ކަމަށެވެ. މީގެ ތެރޭގައި ހަ އޮޓޯ ރިކްޝޯ ވެސް ހިމެނެއެވެ. ހާދިސާ ހިނގުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.
ރެޑް ފޯޓަކީ ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ، އިންޑިއާގެ އެންމެ މަޝްހޫރު ތާރީޚީ ލޭންޑްމާކްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އިންޑިއާ މީހުންނާއި ބޭރުގެ ޓޫރިސްޓުންގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް މި ތަނަށް ޒިޔާރަތްކުރެއެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ އޮގަސްޓް 15 ގައި އިންޑިއާގެ ބޮޑުވަޒީރު މިނިވަން ދުވަހުގެ ތަގުރީރު ދެއްވަނީ ވެސް މި ސަރަހައްދުގައެވެ.
މިއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ފަސް ވަރަކަށް މޭލު ދުރެވެ. އަދި ކާރޫބާރު ބޮޑު ވިޔަފާރީގެ ހަބް ޗާންދަނީ ޗައުކް ސަރަހައްދާ ވެސް ވަރަށް ކައިރި އެވެ.
ފުލުހުން ދަނީ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންނެވެ.


