ހުޅުމާލޭގެ އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ފުލުހުންގެ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ތަކެތި ފެނިފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުއެވެ.
އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މުޙައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



