ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި ހުންނަ ޑިސްޓްރިކްޓް ކޯޓެއްގެ ކައިރީގައި ޖާނުން ފިދާވުމުގެ ނުރައްކާތެރި ހަމަލާއެއް ދީފިކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަކްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަލާ ދީފައި ވަނީ ކޯޓުގެ ބޭރުގައި ހުރި ފުލުހުންގެ ވެހިކަލެއް ކައިރީގައި ކަމަށާއި، ހަމަލާގައި 12 މީހުން މަރުވެފައިވާ ކަމަށެވެ.
އަނިޔާވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށް ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އިން ވަނީ ހާމަކޮށްފައެވެ.
މިނިސްޓަރު ނަކްވީ ވިދާޅުވީ، ހަމަލާދިން މީހާ ކޯޓު ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް ހަމަލާ ދިނީ ކަމަށެވެ. ފުލުހުންގެ ތަހުގީގުތަކުން މި ހަމަލާ ދީފައި ވަނީ ޖާނުން ފިދާވެގެންކަން ކަށަވަރުވެފައިވާ ކަމަށް ނަކްވީ ވިދާޅުވިއެވެ.
ހަމަލާގެ ޒިންމާ އަދި އެއްވެސް ހަތިޔާރު އެޅި ޖަމާއަތަކުން ނަގާފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅިގެން ޕިމްސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ޑރ.މުބާޝީރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ، މިއީ ފިނޑި އަމަލެއް ކަމަށާއި، ސަލާމަތީ ބާރުތަކުގެ ސާބިތުކަމުގެ ސަބަބުން ނިރުބަވެރިންގެ ނުބައި މަގްސަދުތައް ނާކާމިޔާބުވެ، ހަމަޖެހުން ދެމެހެއްޓޭނެ ކަމަށެވެ.
އިސްލާމްއާބާދުގައި މި ހަމަލާ ދީފައި ވަނީ އިންޓަ ޕާލިމެންޓްރީ ސްޕީކާސް ކޮންފަރެންސާއި އެނޫންވެސް މުހިންމު ހަރަކާތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
މި ހަމަލާ ދިމާވީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކާރު ބޮމެއް ގޮއްވާލައި 13 މީހުން މަރުވިތާ އެއް ދުވަސް ފަހުންނެވެ.



