ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް ރިބާއި، ރިބް ޝެލްޓަރާއި ރޭމްޕު ހަދިޔާކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، އެކަމަށް ޓަކައި މިއަދު ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ހޫގޯ ޔޫ-ހޯ ޔޮންއެވެ.
މި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑްކޮށް، ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި، މި ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިންގ ޕާޓްނަރޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދެއްވާ ގްރާންޓް އެހީއެކެވެ.
އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް މިއަދު ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ، 4 ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން 2 ރޭމްޕެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.




