މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު، ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ދުވަހުގެ ތެރޭގައި ޖުމްލަ 205 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޓޯ ކޮށްފައި ވަނީ 204 ސައިކަލާއި އެއް ކާރެވެ.
ފުލުހުން ވަނީ ހުޅުމާލޭ އާއި މާލޭގެ މަގުތަކުގައި ޕާކިންގެ މައްސަލަ ހައްލު ކުރުމަށް އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.




