މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެ އަދި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ ދެ މެޗަކީ ދިވެހި ކުޅުންތެރިންނަށް ފައިދާތަކެއް ކުރާނެ މެޗުތަކަކަށް ވާނެކަމަށް ގަބޫލުކުރާކަމަށް 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗު ސަބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.
މި ދެ މެޗަކީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ މާހައުލެއްގައި ތަޖުރިބާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޒުވާން ޓީމާއި ފަލަސްޠީނު ޓީމާ ދެމެދު ކުޅެވޭ ދެ މެޗަކީ ފަލަސްޠީނު ޓީމު ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ކުރި ޒިޔާރަތުގެ ތެރެއިން ރޭވިގެން ދިޔަ ދެ މެޗެވެ.
މިމަހުގެ 10 ވަނަ ދުވަހު ފަލަސްޠީނު ޓީމު ރާއްޖެއަށް އައިސްފައިވާއިރު، ރާއްޖޭގެ ޤައުމީ ޓީމުވެސް މިހާރު ތައްޔާރުވަމުން އަންނަނީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމަށެވެ. މި ދެމެޗަކީ ކޮލިފައިން މެޗުތަކުގެ ކުރިން ކުޅުންތެރިންގެ ފަރިތަކުރުންތައް ވަޒަންކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މާފަންނު ޓާފު ދަނޑުގައި ކުރިއަށް ދިޔަ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސޮބާހު ބުނީ އޭޝިއަން ކަޕު ކޮލިފައިންގ މެޗުގެ ކުރިން ފަލަސްޠީނާއެކު ކުޅޭ މެޗުގެ ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނަކީ އަރަބި ޓީމަކަށް ވުމާއެކު، ރާއްޖޭގެ ކުޅުންތެރިންނާ އަޅާބަލާއިރު ޖިސްމާނީ ގޮތުންނާއި ބުންވަރުގެ ގޮތުން އަދި ހުނަރުގެ ގޮތުންވެސް އެޓީމު ވަރުގަދަވާނެކަމަށް ބެލެވެއެވެ.
”އަޅުގަނޑަކަށް އަދި އެންމެ ރަނގަޅަކަށް ފަލަސްޠީނުގެ ފެންވަރެއް ނޭނގެ. ނަމަވެސް ގަބޫލުކުރެވެނީ އަރަބި ގައުމެއްވެފަ ފިޒިކަލީ ވަރުގަދަވެފަ އެމީހުން ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށްވުރެ ފުޓްބޯޅައަށް ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެއޭ،“ ސޮބާހު ވިދާޅުވިއެވެ.
ސޮބާހު އިތުރަށް ވިދާޅުވީ، މި ދެ މެޗަކީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް މުހިންމު ދެ މެޗަށްވާނެ ކަމަށެވެ. ކޮލިފައިން ކުރިމަތިވަމުން އަންނައިރު އޭގެ ކުރިން ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެލަން ލިބުމަކީ ކުޅުންތެރިންގެ ބިރު ފިލުވާލުމަށާ ކޮންފިޑެންސް ގެނައުމަށް ބާރަކަށްވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.
”ވަރަށް ރަނގަޅު މެޗެކޭ އަޅުގަނޑު ބުނާނީ މިކުދިންނަށް ކޮލިފައިންއަށް ދިއުމުގެ ކުރިން މިކުދިން ޓެސްޓު ކޮށްލަން މިމީހުންގެ އެ ގައިގަ ހުރި ބިރު ކަނޑުވާލަން ނޫނީ ކޮންފިޑެންސް ގެއިން ކޮށްލަން ހަގީގަތުގަ މި ދެ މެޗަކީ މުހިންމު ދެ މެޗުކަމަށް އަޅުގަނޑު ގަބޫލުކުރަނީ،“ ސޮބާހު ވިދާޅުވިއެވެ.
ރާއްޖެ އަދި ފަލަސްޠީނު ޓީމުގެ މެދުގައި ކުޅޭވޭ އެކުވެރިކަމުގެ ދެ މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 13 އަދި 15 ވަނަ ދުވަހަށެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މޮންގޯލިއާ އާއި ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ. މި ގްރޫޕްގައި ތައިލޭންޑު، ކުވައިތު، ތުރްކްމެނިސްތާނު އަދި މޮންގޯލިއާވެސް ހިމެނެއެވެ.



