ދުނިޔޭގެ ފުޓްބޯޅައިގެ ޚަބަރުތައް ދިނުމުގައި އެންމެ ނުފޫޒުގަދަ މަޝްހޫރު ނޫސްވެރިޔާ އަދި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ފަބްރީޒިއޯ ރޮމާނޯ، ރާއްޖެ އަތުވެއްޖެއެވެ.
ފަބްރީޒިއޯ ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ކޮންރެޑް މޯލްޑިވްސްގައެވެ. އޭނާގެ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހިންގާ ކެމްޕޭނެއްގެ ތެރެއިން ކުރާ ދަތުރެކެވެ.
ފަބްރީޒިއޯ ރާއްޖޭގައި ކުރަމުން އަންނަ ތަޖުރިބާތަކާއި، ރާއްޖޭގެ ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ.
ފަބްރީޒިއޯ ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަށްފަހު، އޭނާ ދަނީ ރާއްޖެއަށް ދަތުރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
އިޓަލީއަށް އުފަން އުމުރުން 32 އަހަރުގެ ފަބްރީޒިއޯ ރޮމާނޯއަކީ ފުޓްބޯޅައިގެ ޓްރާންސްފާ ޚަބަރުތައް ދިނުމުގައި ދުނިޔޭގައި އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާއެވެ.
އޭނާގެ ޚަބަރުތަކަށް ދުނިޔޭގެ އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރެއެވެ.


