މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރީން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ (ރ. އަތޮޅު) ދުވާފަރުގައި، ޑިސެމްބަރު 12 ގައެވެ.
މިނިސްޓްރީން ވިދާޅުވީ، މި މުބާރާތަކީ ޚާއްސަކޮށް މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި މުބާރާތަކީ، މަސްވެރިކަމުގެ ދާއިރާއަށް ހިތްވަރުދީ، މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކަމާގުޅޭ ފޯމް https://tinyurl.com/4xe7p9jv މެދުވެރިކޮށެވެ.
މި މުބާރާތުގެ ވަނަ ހޮވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތަށް 15،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ ހޯދާ ފަރާތަކަށް 10،000ރ. އަދި ތިންވަނަ ހޯދާ ފަރާތަކަށް 7،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ދަނީ އިތުރު ގިނަ ހަރަކާތްތަކެއް ރާވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.



