އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހިންގި ބޮން ގޮއްވުމުގެ ހާދިސާ އަކީ ރަސްމީކޮށް ޓެރަރިސްޓު ހަމަލާއެއް ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
މި ހަމަލާގައި ކާރެއް ގޮއްވާލައިގެން މަދުވެގެން 12 މީހަކު މަރުވެ، 19 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރިޔާސަތުގައި ބޭއްވި ކެބިނެޓްގެ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި މި ހާދިސާ ސިފަކޮށްފައިވަނީ ގައުމިއްޔަތާ ދެކޮޅު ބާރުތައް އަޑީގައި ތިބެގެން ދިން ރަހުމުކުޑަ ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ.
ސަރުކާރުން ބުނީ މިއީ ގައުމާ ދެކޮޅު ބާރުތަކުން ހިންގި ފިނޑި އަމަލެއް ކަމަށާއި، ޓެރަރިޒަމްގެ ކޮންމެ އަމަލަކާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭ ”ޒީރޯ ޓޯލަރެންސް“ ސިޔާސަތުގެ ދަށުން މިކަމާ މެދު އަމަލުކުރާނެ ކަމަށެވެ.
ކެބިނެޓް ބަޔާނުގައި ވަނީ މި ހިތާމަވެރި ވަގުތުގައި އިންޑިއާއަށް އެހީތެރިކަމާއި ތާއީދު ފޯރުކޮށްދިން ބައިނަލްއަގްވާމީ ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި، މި އަމަލު ހިންގި ބަޔަކު ހޯދައި، ޕްރޮފެޝަނަލްކަމާ އެކު ތަހުގީގު ކުރިއަށް ގެންގޮސް، އިންސާފުގެ ކުރިމައްޗަށް ވީ އެންމެ އަވަހަކަށް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފައެވެ.
ހޯމަ ދުވަހުގެ ރޭ އިރާކޮޅު ދިން މިހަމަލާ ދިނީ ކާރެއް ގޮއްވާލައިގެންނެވެ.
ހަމަލާ ދިން ސަރަހައްދު ކަމަށްވާ ރެޑް ފޯޓަކީ ސަތާރަ ވަނަ ގަރުނުގެ ތާރީޚީ ބިނާއެއް ކަމަށް ވުމުގެ އިތުރުން، އިންޑިއާގެ އެންމެ މަޝްހޫރު އެއް ލޭންޑްމާކެވެ. މިއީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ގައުމާ މުހާތަބުކުރައްވާ މައިދާނެވެ.
މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ކާރު ގޮވީ ދުއްވަމުން ދަނިކޮށެވެ. ނަމަވެސް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ގޮއްވާލި ކާރު އެ ސަރަހައްދުގައި ގިނައިރު ޕާކުކޮށްފައި އޮތުމަށް ފަހު، ދުއްވަމުން ގޮސް ޓްރެފިކް ލައިޓެއްގެ ކައިރީގައި ގޮއްވާލީއެވެ.



