ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ބައްދަލުކުރާ އެކުވެރިކަމުގެ ދެ މެޗަށް ޚާއްސަ ސްވެނިއަރ ޓިކެޓް ވިއްކަން ފަށައިފިއެވެ.
މިރޭ ޓިކެޓް ވިއްކަން ފެށިއިރު ރާއްޖެ އާއި ފަލަސްޠީނު ކުޅޭ އެކުވެރިކަމުގެ ދެ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރުދުވަހުގެރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
އެފްއޭއެމްއިން ބުނީ އެ އިދާރާގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ލިބޭނެ ކަމަށެވެ.
ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 9:00 ން ފެށިގެންނެވެ. މަޖީދީމަގު އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރު ހުޅުވާފައި ހުންނާނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ން މެންދުރު 12:00 އަށާއި، އަދި މެންދުރު 14:00 ން އިރުއޮއްސި 18:00 އަށެވެ.
މި މެޗުތަކަށް ވިއްކަނީ ދެ ބާވަތެއްގެ ސްވެނިއަރ ޓިކެޓެވެ. ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްގެ އަގަކީ 1000 ރުފިޔާއެވެ. މިއީ ޖުމްލަ 50 ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެވެ. އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށް ވިއްކާއިރު، މިއީ ޖުމްލަ 200 ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވީއައިޕީ ގޮނޑިބަރީގެ ޓިކެޓެވެ.
އެފްއޭއެމްއިން ބުނި ގޮތުގައި، މި ސްވެނިއަރ ޓިކެޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.
ސްވެނިއަރ ޓިކެޓް ވިއްކަމުންދިޔަ ނަމަވެސް، މި ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ.
އެ ޓީމު ރާއްޖޭގައި މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ތިބުމަށް ހަމަޖެހިފައިވާއިރު، މި ކޭމްޕަކީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް އެ ޓީމު ތައްޔާރުވަމުން އަންނަ ކޭމްޕެކެވެ.


