ލިޔެކިޔުން ނެތް ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަނުން ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ ’އެމް.އައި އައި.ޑީ ޗެކަރ‘ ތަޢާރަފްކޮށްފިއެވެ.
’އެމް.އައި އައި.ޑީ ޗެކަރ‘ ތައާރަފްކޮށްފައިވަނީ މި ނިމުނު ހަފްތާގައި މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ.
މި ސިސްޓަމް އިފްތިތާޙުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްނެންގެވުމުގެ ދަށުން ’ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް‘ އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.
އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި މި ސަރުކާރުގެ މަސައްކަތުން މިހާތަނަށް 90،000އަށްވުރެ ގިނަ ޤަވާއިދާ ޚިލާފު ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ. ނަމަވެސް، މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ބިދޭސީން އަތުގައި ރަސްމީ ލިޔެކިޔުން ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ.
މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ފަރުމާކުރި ’އެމް.އައި އައި.ޑީ ޗެކަރ‘ އަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި އެޕްލިކޭޝަންގެ އެންމެ މުހިންމު ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން ވަގުތުން ޝަހްސު ދެނެގަނެ، ކަށަވަރުކޮށް، ޕާސްޕޯޓު ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ފަދަ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެ އިތުރުން ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްގެން ވެސް މީހުން ދެނެގަނެވޭނެއެވެ.
އިމިގްރޭޝަނުން ބުނީ، މި އެޕްލިކޭޝަން ޤަނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، މުސްތަޤްބަލުގައި ކައުންސިލްތަކަށް ވެސް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.



