ޤައުމީ ޓީމުގެ ސްކޮޑަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތުގައި ކުޅުމުން ޤައުމީ ޓީމުން ވަކިކުރި އަހުމަދު އައިހަމް (ފަތޯ) މައާފަށް އެދިއްޖެއެވެ.
މިއަދު އައިހަމް ނެރުނު ބަޔާނެއްގައި އޭނާ ވަނީ އޭނާ އަށް ހެދުނު ”ގޯހުގެ“ ފުރިހަމަ ޒިންމާ އަމިއްލަ އަށް ނަގާ ކަމަށް ބުނެފައެވެ.
އޭނާ އިތުރަށް ބުނީ އަމަލުކުރެވުނީ ޕްރޮފެޝަނަލްކޮށް ނޫން ކަމަށާއި އަދި އަމަލުތައް ބެހެއްޓުނީ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާ އެއްގޮތަކަށް ނޫން ކަމަށެވެ. މިއީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާގެ ކިބައިން ފެނުނު އިހުމާލެއް ކަމަށް އައިހަމް ވަނީ ގަބޫލުކޮށްފައެވެ.
އައިހަމް ބުނީ އޭނާ އަށް ހެދުނު ގޯހާ އެކު އަގުހުރި ފިލާވަޅެއް ދަސްވެއްޖެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުބާރު އަލުން ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށާއި، މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އައިހަމް ބުންޏެވެ.
އައިހަމް ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ސަޕޯޓަރުންގެ ކިބައިންވެސް މައާފަށް އެދިފަ އެވެ.
އައިހަމް ގައުމީ ޓީމުން ބޭރުކުރީ މިދިޔަ ހޯމަ ދުވަހު، ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔަ މައްސަލައަކާ ގުޅިގެންނެވެ. އެފްއޭއެމުން ބުނި ގޮތުގައި އައިހަމް ފުޓްސަލް މުބާރާތުގައި ކުޅެން ދިޔައީ އެއްވެސް އެންގުމަކާ ނުލައި އަދި ހުއްދައެއް ނެތި އެވެ.
އައިހަމް ކުޅުނީ ހއ. އެތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގައި އޭނާގެ އުފަން ރަށް އުތީމު ޓީމަށެވެ.


