ޕާކިސްތާންގެ ދެ ސަރަޙައްދެއްގައި މި ހަފްތާގެ ތެރޭގައި ބޮމުގެ ޙަމަލާދީފައިވަނީ އަފްޣާނިސްތާނަށް ނިސްބަތްވާ މީހުންކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.
މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ދަށު ކޯޓުތައް ހިންގާ އިމާރާތެއްގެ އިތުރުން، އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އަސްކަރިއްޔާއިން ހިންގާ ސްކޫލަކަށެވެ.
އިސްލާމްއާބާދުގައި ހުންނަ ކޯޓު އިމާރާތެއްގެ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި 12 މީހުން މަރުވެ އިތުރު 27 މީހުން ޒަޚަމްވެފައިވާކަމަށް ފުލުހުން ބުންޏެވެ. މި ޙަމަލާދީފައިވަނީ، ޕާކިސްތާންގެ އިރުހުޅަނގުގެ ސަރަޙައްދުގައި ހުންނަ އަސްކަރީ ސްކޫލަކަށް ހަތިޔާރާއެކު ބަޔަކު ވަދެ، ބޮމެއް ގޮއްވާލިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
އެ ޙަމަލާގައި ތިން މީހުން ވަނީ މަރުވެފައެވެ. ބޮން ގޮއްވައިލުމަށްފަހު، ހަތިޔާރާއެކު އެ ސްކޫލްތަކުގެ ތެރެއަށް ވަދެގަތް މީހުންނާއި އަސްކަރިއްޔާއާ ދެމެދު 24 ގަޑިއިރުގެ ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. ސްކޫލް ތެރެއަށް ވަދެގަތް އެންމެން، އެ ކުރިމަތިލުންތަކުގައި ވަނީ މަރާލައިފައެވެ.
ޕާކިސްތާންގެ ދާޚިލީ ވަޒީރު މުޙްސިން ނަޣްވީ ވަނީ މި ޙަމަލާތަކުގައި އަފްޣާނިސްތާންގެ ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ ޕާކިސްތާންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ސިފަކުރައްވައިފައެވެ. އޭނާ ވަނީ އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރާ ޠާލިބާންގެ ސަރުކާރުން ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރިވާކަމުގެ ތުހުމަތު ތަކުރާރުކުރައްވައިފައެވެ.
މިއީ ޕާކިސްތާނުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.
މި ޙަމަލާތައް ދީފައިވަނީ، ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ސަރަޙައްދީ ރޮނގު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު ކުރީކޮޅު ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހިންގި ވަރުގަދަ ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވިއެވެ.
ޠާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ހޯދި ފަހުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރި އެންމެ ވަރުގަދަ ޙަމަލާތަކަކީ މި ޙަމަލާތަކެވެ.
ސަރަޙައްދީ ހަމަލާތައް ހުއްޓާލުމަށްޓަކައި ޤަޠަރުގެ ދަވްޙާގައި މަޝްވަރާތައް ބޭއްވުމަށްފަހު، އޮކްޓޫބަރު 19 ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން މެދުކަނޑާލެވުނެވެ.
އެހެންނަމަވެސް، އެ އެއްބަސްވުން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް އިސްތަންބޫލުގައި ބޭއްވި މަޝްވަރާތަކަށް މި ހަފްތާގައި ކުރިއެރުމެއް ނުލިބި، ހުއްޓުމަކަށް އައިސްފައިވާކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.




