ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއާ ދިމާކޮށް، މިއަދު އެކަނި ވެސް 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސަން ޝެޑިއުލްކޮށްފިއެވެ.
ވެލާނާ އެއާޕޯޓުގެ ފްލައިޓް ސިސްޓަމުން ދައްކާ ގޮތުގައި، މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ފްލައިމީގެ މަތިންދާ ބޯޓުތައް އެއާޕޯޓަށް އެކި ގަޑިތަކުގައި ޖައްސާނެއެވެ. ރޭ މެންދަމު 1:00 އިން ފެށިގެން މިރޭ 11:30 އާ ހަމައަށް 50 އަށް ވުރެ ގިނަ ފްލައިޓު ޝެޑިއުލްކޮށްފައިވާއިރު، އީދު ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް ވެސް މިހާ ބާރު ބޮޑެވެ.
ޝެޑިއުލް ދަތުރުތަކުގެ އިތުރުން އިއްޔެ އާއި މިއަދު ޗާޓަރު ފްލައިޓުތައް ވެސް ވީއައިއޭއަށް ވަނީ އަޅައިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ބޯޓުން އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް ފްލައިޓެއް ބާއްވާފައިވަނީ އިއްޔެއެވެ. އެއީ ޕީއެންސީގެ ޖަލްސާއަށް މީހުން އުފުލުމަށް އައްޑޫއަށް އައި ބޯޓެކެވެ.
ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މާލެ އައިސްފައި ވާއިރު އަދިވެސް މީހުން އަންނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ރަށަކުން އެންމެ ގިނަ ބަޔަކު މާލެ އައީ ޅ. ނައިފަރުންނެވެ. ނައިފަރަކީ ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.
މީގެ އިތުރުން، ޕީއެންސީގެ ޖަލްސާއަށް ކަނޑުމަގުން، ލޯންޗުފަހަރާއި ބޯޓު ފަހަރުން އައި މީހުން ވެސް އާދަޔާ ހިލާފަށް ގިނަކަން ފާހަގަ ކުރެވެއެވެ.



