ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް މާލެ އައި އަދި އަންނަމުންދާ ހުރިހާ އެންމެންނަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒުއަށް އޮތް ލޯތްބާއި ކުރާ ތާއީދަަށް ޕާޓީ އިން ގޮވާލި ގޮވާލުމަށް މުޅި ރާއްޖެއިން މިރޭގެ ޖަލްސާއަށް އަންނަ ޕީއެންސީގެ ފަހުލަވާނުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޖަލްސާގައި ހަމައެކަނި ވާހަކަފުޅުދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ.
ޕީއެންސީގެ މި ބޮޑު ޖަލްސާގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ މާލެ އަންނަމުންނެވެ. މީގެ ތެރޭގައި އާބާދީ ބޮޑު ބޮޑެތި ސިޓީތައް ވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި އެންމެ ގިނަ ބަޔަކު އަންނަ އެއް ދިމާލަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީއާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫން އެކަނި ވެސް މިއަދު 256 މީހުން މާލެ އައިސްފައިވެއެވެ. އޭގެ އިތުރުން ތިނަދޫ ސިޓީން ވެސް 46 މީހުން މާލެ އައިސްފައިވެއެވެ.
ފުވައްމުލައް ސިޓީ، ހއ. ހޯރަފުށި، ހއ. ފިއްލަދޫ ފަދަ ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މި ޖަލްސާއަށް ހާޒިރުވުމަށް މާލެ އައިސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ޖަލްސާއަކީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާ ކަމަށް ޕާޓީން ބުނެއެވެ.




