އެމްޑީޕީގެ ގައުމީ މަޖިލިހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންނެވީ، މިރޭ ކުރިއަށްދާ ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށްވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައެވެ.
މި ޖަލްސާގައި މަހްލޫފް ވަނީ ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު، އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޯމު ހަވާލުކުރައްވާފައެވެ. މަހްލޫފްގެ އިތުރުންވެސް އިތުރު ބައެއް ބޭފުޅުން މިރޭ ވަނީ ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު، ރައީސް މުއިއްޒާއި ފޯމް ހަވާލު ކުރައްވާފައެވެ.
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި މަހްލޫފް ވިދާޅުވެފައިވަނީ، އޭނާ އެ ޕާޓީގެ މެންބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ ސިޓީގައި މަހްލޫފް ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާ ކުރާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
މަހްލޫފް ވަނީ ތާއިދުކޮށްދެއްވި އެންމެހާ ޕާޓީގެ ލޮބުވެތި މެންބަރުންނަށް ޝުކުރު ދަންނަވައި، އެ ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.



