މާދަމާ އިން ފެށިގެން ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއެއް ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށްވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި ހުރި މައިގަނޑު މައްސަލަތައް ހައްލުކުރުމަކީ އެމަނިކުފާނުވެފައިވާ ވައުދެއް ކަމަށާއި، އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި، ގޭންގްތަކުގެ މައްސަލައާއި، ބިދޭސީންގެ މައްސަލަ ހިމެނޭ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް އޮތް މައްސަލައެއް ކަމަށާއި، އެއްވެސް ކަމެއް ނުކޮށް ބޮޑުވަމުން އައި މައްސަލައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދެއް ނޭނގޭ ކަމަށާއި، އެއްވެސް ތަފާސްހިސާބެއް ނެތް ކަމަށެވެ. ނަމަވެސް، ފެށި ކުރަނގި އޮޕަރޭޝަން
ގައި 190،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފައިވާ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، އެމީހުން ތިބީ ކޮންތާކުކަން މިހާރު އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މާދަމާއަށްފަހު ދެން ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ ކަމަށެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 9021 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށާއި، އެއީ ކުރީ ސަރުކާރަށްވުރެ 143 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




