އެމެރިކާގެ ކުންފުންޏަކުން އުފައްދާ އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓު ކަމަށްވާ އެފް-35، ސަޢޫދީ ޢަރަބިއްޔާއަށް ވިއްކެވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.
ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ މި ބޯޓުތަކަކީ އެމެރިކާގެ އެންމެ ކުރިއަރާފައިވާ އަސްކަރީ ހަތިޔާރުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށްވާއިރު، ބޭރުގެ ޤައުމަކަށް މިފަދަ ހަތިޔާރެއް ވިއްކުމަށް އެމެރިކާ ސަރުކާރުގެ ހުއްދަ ލިބެންޖެހެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސަޢޫދީން ވަރަށް ގިނަ އަދަދެއްގެ ޖެޓު ގަންނަން ބޭނުންވާ ކަމަށާއި، އެކަމަށް އެދިފައިވާތީ އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
”ސަޢޫދީ ޢަރަބިއްޔާއިން ވަރަށް ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓު ގަންނަން ބޭނުންވޭ. މި ދަނީ އެކަން ބަލަމުން. އެ މީހުން ބޭނުން ވަނީ އެފް-35 ގަންނަން، އަދި އެއަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ގަންނަން ވެސް އެ މީހުން ބޭނުންވޭ.“ ޓްރަމްޕް ވިދާޅުވިއެވެ.“
ސަޢޫދީއަށް މިފަދަ ބޯޓުތައް ވިއްކަން ޓްރަމްޕް ވިސްނަމުންދަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަންނަ ހަފުތާގައި ވޮޝިންގްޓަނަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ދަތުރުފުޅުގައި ވަލީއަޙުދު މުޙައްމަދު ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ އަދި ދިފާޢީ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއް ސޮއިކުރަން ހަމަޖެހިފައިވެއެވެ.
ޓްރަމްޕް ވިދާޅުވީ ވަލީއަޙުދުގެ ދަތުރުފުޅަކީ ހަމައެކަނި ބާއްވައިލާ ބައްދަލުވުމެއް ނޫން ކަމަށާއި، ދެ ޤައުމުގެ ގުޅުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާއިން ވީ އެންމެ އަވަހަކަށް އިބްރާހީމް މުޢާހަދާއާ ގުޅުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވެފައެވެ. މި މުޢާހަދާއަކީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން ޢަރަބި އަދި އިސްލާމީ ޤައުމުތަކާއި އިޒްރޭލާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރުމަށް އެކުލަވައިލާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ޔަހޫދީންނާއި އެމެރިކާއިން ހުރަސް އަޅަމުންދާތީ، ސަޢޫދީ ޢަރަބިއްޔާއިން ދަނީ އިޒްރޭލާ ގުޅުން ޤާއިމު ކުރުމަށް އިންކާރު ކުރަމުންނެވެ.
ސަޢޫދީއަށް އެފް-35 ވިއްކުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުއްވާއިރު، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ވަނީ މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނިއު ޔޯކް ޓައިމްސް ނޫހުގެ ރިޕޯޓަކާ ޙަވާލާދީ ބުނެފައިވާ ގޮތުން، އެމެރިކާއިން އެފް-35 ސަޢޫދީއަށް ވިއްކައިފިނަމަ، އެ މަތިންދާބޯޓުތަކާއި އޭގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ދިރާސާ ކުރުމުގެ ފުރުޞަތު ޗައިނާއަށް ލިބިގެންދާނެ ކަމަށް ޕެންޓެގަނުން ކަންބޮޑުވެއެވެ.
ޕެންޓެގަނުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސިއްރުތައް ބޭޒާރުވުމުގެ ނުރައްކާ އެބައޮތެވެ.



