ގިނަ ދާއިރާތަކަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސްކީމް އަލުން ތަޢާރަފްކުރުމުގެ ވިސްނުން އައީ، ރާއްޖޭގައި ޚާއްސަކޮށް ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތައް ހުރިކަން ބަޖެޓު ކޮމިޓީގެ މެންބަރަކު ފާހަގަކުރެއްވުމާ ގުޅިގެންނެވެ. މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، އެކި ދާއިރާތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވަމުން އަންނަކަން ތަފާސް ހިސާބުތަކުންވެސް ފާހަގަވެފައިވާ ކަމަށެވެ.
ލޯނު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭއިން މަސައްކަތް ކުރަމުން އަންނައިރު، މުނައްވަރު ވިދާޅުވީ ބޭންކުތަކުގެ ރިސްކް އެޕަޓައިޓް އާ ގުޅިގެން މި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
”ބޭންކު ރިސްކް އެޕަޓައިޓް ނުވާތީ މީގައި މައްސަލަތަކެއް މިއުޅެނީ. އަޅުގަނޑުމެން ދަންނަވާނަން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދޭން.“ގަވަރުނަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، މީގެކުރިން ތަޢާރަފްކުރި ”އެމްއެމްއޭ ގެރެންޓީ“ ލޯނު ސްކީމް އަލުން ތަޢާރަފްކުރުމާއެކު، ޢިމާރާތްކުރުމުގެ ދާއިރާއަށާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް (އެސްއެމްއީސް) ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. ކުރިން މި ސްކީމްގައި ހުރި ބައެއް މައްސަލަތައް ޙައްލުކޮށް، މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، މީގެކުރިން ތަޢާރަފްކުރި ”އެމްއެމްއޭ ގެރެންޓީ“ ލޯނު ސްކީމް އަލުން ތަޢާރަފްކުރުމާއެކު، ޢިމާރާތްކުރުމުގެ ދާއިރާއަށާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް (އެސްއެމްއީސް) ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. ކުރިން މި ސްކީމްގައި ހުރި ބައެއް މައްސަލަތައް ޙައްލުކޮށް، މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
މީގެއިތުރުން ގަވަރުނަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ޔޫޒަބަލް ރިޒަރވް އިތުރުކުރެވިއްޖެނަމަ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހަމަ މަގަށް އަޅުވައި، ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވި، ޢާންމު ރޭޓަށް ޑޮލަރުގެ އަގު ދަށް ކުރެވޭނެ ކަމަށެވެ.




