ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން, އޮސްޓްރިއަން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާއެވެ.

ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އޮސްޓްރިއަން އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައްރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކުހޫނު މަރުހަބާއެއް ކިޔައިފައެވެ.

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގައެވެ. އޮސްޓްރިއަން އެއާލައިންސް އަކީ 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 23 ވަނަ އެއާލައިނެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



