ދިގު 10 އަހަރުގެ އިންތިޒާރަކަށްފަހު، އދ. މަންދޫގެ ޒުވާނުން އެދިއެދިތިބި ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް އެއްމަސްތެރޭ ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި ދަނޑުގެ މަސައްކަތް އަވަހަށް ނިންމާލުމަށް އެދިފައިވަނީ، މިމަހު އެއަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަކަށްޓަކައެވެ.
މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލި މި މަސައްކަތުގެ ދަށުން، ރޭގަނޑުވެސް ދަނޑު ބޭނުންކުރެވޭނެ ގޮތަށް ލައިޓް ހަރުކޮށް، ވަށާފާރު ރާނައި، ފެންސް ޖަހައި އަދި ޓާފް އަޅާފައިވެއެވެ.
މި މަސައްކަތް ނިންމާލުމަށްފަހު މިއަދު ރައީސް ވަނީ އެ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.

ދަނޑު ހުޅުއްވުމަށްފަހު ރައީސް ވަނީ މަންދޫ ޓީމަކާ ދެކޮޅަށް ފުޓްސަލް މެޗެއް ކުޅުއްވާފައެވެ. ރައީސްގެ ޓީމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަނޑު ހުޅުވުމަށް ވަޑައިގެން ރައީސް ރައްޔިތުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރެއްވުމާ ގުޅިގެން، އެރަށުގެ ޒުވާނުންގެ ފަރާތުން ވަނީ ރައީސަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.

މަންދޫގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ލައިޓް ހަރުކުރުމާއި، ސަބްބޭސް ތައްޔާރުކުރުމަށްފަހު ޓާފް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.




