އެޗްޑީސީގެ ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”ރީތިގަސް“ ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.
އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެޗްޑީސީއިން ބުނިގޮތުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.
މިރޭ ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓްކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނިގޮތުގައި، އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ.
އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.




