ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.
މިކަމަށްޓަކައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.
އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ދިގު އިންތިޒާރަކަށް ލިބިގެންދިޔަ ނިމުމެއްކަމަށެވެ.
އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވްގެ ތެރެއަށް އިންކޯޕަރޭޓްކުރެވި، ވަންގަވް މެދުވެރިކޮށް ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ހީނާ ވިދާޅުވިއެވެ.
މި ޚިދުމަތްތައް ދެމުން މިދަނީ ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއަކަށް ކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތެރަޕިއުޓިކް ފަރުވާއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނޭކަމަށެވެ.
އެ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަވަސް ޚިދުމަތެއް ނުލިބުންކަމަށާއި، ނަމަވެސް ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެންސްޕާގެ ޚިދުމަތްތައް ލިބިގެންދިއުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ހީނާ ވިދާޅުވިއެވެ.

”މިއީ ރައީސްގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޓްރާންސްޕޭރަންޓްކޮށް އެޕީޝިއަންޓްކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ކުރަމުންދާ ވަރަށް މުހިންމު ވަރަށް ބޮޑު މަސައްކަތެއް. މިއަދު 5 ޕްރޮގްރާމެއް އިފްތިތާހުކުރެވިގެން ދިޔަކަމުގައި ވިއަސް އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށްއޮތް ތަނުގައި މުޅި އެންސްޕާގެ ހުރިހައި ޚިދުމަތްތަކެއް މިއަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލްކުރުން،“ ހީނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ، މިއަދު މިދިޔައީ ވަންގަވްއަށް ސަރުކާރުގެ އިތުރު އިދާރާއެއް އިތުރުވެގެންކަމަށެވެ.
ސައީދާ ވަނީ އެންސްޕާގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބުމަކީ ސީދާ ރައްޔިތު މީހާއާއި ހަމައަށް ޑިޖިޓަލައިޒޭޝަން އެ ފަސޭހަކަމާއެކު ވާސިލްވެވޭނެގޮތް ފަހިވެގެންދިއުންކަން ފާހަގަކުރައްވާފައެވެ.
ސައީދާ އިތުރަށް ވިދާޅުވީ، މި މަސައްކަތްޕުޅުގެ ތެރެއިން މި އަހަރު އެންމެ ބޮޑަށް އިސްކަމެއްދިން އެއްކަމަކީ، ސީދާ ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް މި ޕްލެޓްފޯމްއަށް ގެނައުމަށް މަސައްކަތް ކުރުންކަމަށެވެ. އެގޮތުން އެންސްޕާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ ކަހަލަ އިދާރާތައް ހިމަނާފައިވަނީ ރައްޔިތުންނަށް ސީދާކޮށް ދޭ ޚިދުމަތްތައް މި ޕްލެޓްފޯމްއަށް ގެނައުމުގެ މަޤްސަދުގައިކަމަށެވެ.
އެންސްޕާއިން ބުނީ ކުރިއަށްއޮތްތަނުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ފޯމް ޕްރޮސެސްކުރާނެ ގޮތުގެ މައުލޫމާތު ދޭނެކަމަށެވެ.
ސަރުކާރުން ފައްޓަވާފައިވާ މޯލްޑިވްސް 2.0ގެ އިނީޝިއޭޓިވްގެ ދަށުން، ސަރުކާރުގެ ހުރިހައި އިދާރާތަކުން ވިޔަފާރިތަކާއި އަދި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ.




