އިސްލާމިކް މިނިސްޓްރީން ކައުންސިލަރުންނަށް އަމާޒުކޮށްގެން ބޭއްވި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަކުރި 36 ކައުންސިލަރަކަށް، ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދެއްވައިފިއެވެ.
މި ހުއްދަ އެރުވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.
މި ޕްރޮގްރާމަކީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި ދިމާވާ ދަތިކަން ފިލުވުމަށްޓަކައި، ކައުންސިލަރުންގެ ތެރެއިން ޤާބިލު ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް މިގޮތަށް ބޭއްވި ފުރަތަމަ ޕްރޮގުރާމެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ކައުންސިލަރުންނަށް މަރުޙަބާ ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއްކަމަށެވެ.
ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ ތިން ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 503 އަށްވުރެ ގިނަ ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުންކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގުރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް ޕްރޮގުރާމެވެ.




