އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކް ޚާންގެ ނަމުގައި ދުބާއީގައި ބޮޑު އޮފީސް ޓަވަރެއް ބިނާކުރަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މި ޓަވަރު ބިނާކުރަނީ ދުބާއީގެ ރިއަލް އެސްޓޭޓްގެ މަޝްހޫރު ކުންފުނި ޑެނޫބް ޕްރޮޕަޓީސް އިންނެވެ.
”ޝާހްރުކްސް ބައި ޑެނޫބް” ގެ ނަމުގައި ހަދާ މި ޓަވަރުގެ މަސައްކަތް ފެށުން އިއުލާން ކުރީ މުމްބާއީގައި ރޭ ބޭއްވި ކުލަގަދަ ހަފުލާއެެއްގަ އެވެ. މި ހަފުލާގައި ޝާހްރުކް ޚާނާއި ޑެނޫބްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޑެނޫބް ޕްރޮޕަޓީސްގެ މެނޭޖިން ޑިރެކްޓަރު އަދީލް ސަޖަން ވިދާޅުވީ މިއީ ޖުމްލަ 55 ބުރީގެ އޮފީސް ޓަވަރެއް ކަމަށެވެ. މި ޓަވަރުގެ ޚާއްސަ ފީޗާއެއްގެ ގޮތުގައި، ޝާހްރުކްގެ ސިގްނޭޗާ ސްޓެޕް ކަމަށްވާ އޭނާގެ ދެ އަތް ފަތުރައިލާ މަންޒަރު ދައްކުވައިދޭ ގޮތަށް ސްޓެޗޫއެއް ވެސް ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
އަދީލް ސަޖަން އިތުރަށް ވިދާޅުވީ، ”ޝާހްރުކްސް ބައި ޑެނޫބް“ ގެ ޑިޒައިން ހަދާފައި ވަނީ ދުބާއީގެ މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރު ދުބާއީ އަށް ރަސްމީކޮށް ތައާރަފު ކުރަން ނިންމާފައިވާ އެއާ ޓެކްސީތަކަށް ވެސް ލޭންޑް ކުރެވޭނެ ފަދަ ޒަމާނީ ގޮތަކަށް ޓަވަރުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހްރުކް ޚާން ވަނީ އޭނާގެ ނަމުގައި ޓަވަރެއް ހަދަން ޑެނޫބް އިން ނިންމުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ، އޭނާގެ މަންމަ މި ވަގުތު ދުނިޔޭގައި ހުރި ނަމަ މިކަމާ ވަރަށް ބޮޑަށް އުފާކުރީސް ކަމަށެވެ.
ޝާހްރުކް ބުނީ، ކުރިއަށް އޮތްތަނުގައި ދަރިން ގޮވައިގެން ދުބާއީއަށް ދަތުރުކުރާ އިރު، ލިބޭނެ އެންމެ ބޮޑު އުފަލަކީ ”މިހިރީ ބައްޕަގެ ޓަވަރޭ” ކިޔާފައި ދައްކައިލާނެ ތަނެއް ހުރުން ކަމަށެވެ.




