ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށްގެން 39 ވަދު ކަނދުފަތި އަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގައި މިހާރު ދެ ބާވަތެއްގެ ކަނދުފަތި އަޅަމުންދެއެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާ ދޮށީގެ ކަނދުފައްޓާއި، ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެން އަޅާ ވަދު ކަނދުފައްޗެވެ.
މި ދެ ބާވަތުގެ ތެރެއިން މިހާރު އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ވަދު ކަނދުފައްޗަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. ގިނަ ރަށްރަށުގެ ޒުވާނުންނާއި ކައުންސިލްތަކުން ވެސް ވަދު ކަނދުފަތި އަޅައިދިނުމަށް އެދެމުން ދާތީ، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެ ގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 39 ވަދު ކަނދުފަތި އަޅާފައިވާއިރު، ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް 37 ދޮށީގެ ކަނދުފަތި ވެސް ވަނީ އަޅާފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ބުންޏެވެ.
ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި، ހަލާކުވާ ނުވަތަ ކަނޑައިގެންދާ ކަނދުފަތިތައް އަވަހަށް މަރާމާތުކޮށް އަލުން އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގެ ދެކުނާއި އުތުރުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ޤާއިމުކުރުމަށް ތައްޔާރުވަމުންނެވެ.
މިގޮތުން، ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ ޢަމަލީ މަސައްކަތް މި އަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.



