ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިދިޔަ އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތެހެރިކާ ތާލިބާން ޕާކިސްތާނު (ޓީޓީޕީ) އަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަމަލާގައި 12 މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއިރު، ޕާކިސްތާނުގެ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައިވަނީ އަފްޣާނިސްތާނުގައި ގާއިމްވެފައިވާ ޓީޓީޕީގެ ވެރިން ކަމަށެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މި ހަމަލާ ދިން ސެލްގެ ކޮމާންޑަރާއި، އޭނާގެ ދަށުން މަސައްކަތްކުރާ ތިން ހަނގުރާމަވެރިންނެވެ.
މި ހަމަލާ ދީފައިވަނީ އިސްލާމްއާބާދުގެ ކޯޓު ކޮމްޕްލެކްސްއެއްގެ ކުރިމަތީގައެވެ. ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ދިން އަމިއްލަ ނަފްސު ގުރުބާންކުރުމުގެ މި ހަމަލާއަކީ ގިނަ އަހަރުތަކެއްގެ ތެރޭގައި ވެރިރަށަށް ދިން އެންމެ ބޮޑު ހަމަލާއެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ ސެނެޓުގައި ވިދާޅުވެފައިވާ ގޮތުގައި ބޮން ގޮއްވާލި ހަނގުރާމަވެރިޔަކީ އަފްޣާނިސްތާނަށް ނިސްބަތްވާ މީހެއް ކަމަށާއި، ހަމަލާގެ ކަންކަން ވަގުތުން ވަގުތަށް ބަލަހައްޓަމުން ދިޔައީ އަފްޣާނިސްތާނުގައި ތިބި ޓީޓީޕީގެ ވެރިންނެވެ. މި ހަތަރު މީހުން ހައްޔަރުކުރެވުމާއެކު ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ އެނގިފައެވެ.
ޓީޓީޕީއަކީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތެކެވެ. ނަމަވެސް އިންޑިއާއިން ކުރިއްސުރެ ތުހުމަތުކުރަމުން އަންނަނީ މި ޖަމާއަތަކީ ޕާކިސްތާނުގެ ސަރުކާރުގެ މަދަދުވެރިކަމާއެކު ހަރަކާތްތެރިވާ ބައެއް ކަމަށެވެ.
އިސްލާމްއާބާދުގައި މި ހަމަލާ ދީފައި މިވަނީ އޭގެ ކުރީ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީއަށްވެސް ހަނގުރާމަވެރިން ހަމަލާއެއް ދީފައިވަނިކޮށެވެ.


