ސަރުކާރުން ދޫކުރާ ގޯތި ދިނުމުގައި އަމަލުކުރާނެ އުޞޫލު އާންމުކޮށްފިއެވެ.
ސަރުކާރުން ގޯތި ދިނުމުގެ ސްކީމްގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ހިމެނެނީ މާލޭގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ލިބޭނީ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ.
މީގެ ތެރޭގައި މާލޭ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތަކާއި، މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި، ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ހިމެނެއެވެ. ނަމަވެސް، މި ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށް ވިތާ 5 އަހަރަށް ވުރެ ގިނަ ދުވެސްފައިވާ މީހުންނަށެވެ.
ދެވަނަ ބައިގައި ހިމެނެނީ މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. މި ބައިގެ ދަށުން ގޯއްޗަށް އެދެވޭނީ ފްލެޓް ސްކީމްތަކެކޭ އެއްގޮތަށް، މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
ގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި:
- ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 18 އަހަރުވެފައިވުން
- 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުން
- 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
- މައިންބަފައިންގެ ފަރާތުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތްނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލުން
މި ޝަރުތުތަކުގެ ތެރޭގައި އެއްމެދު ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުމާއި، ފާއިތުވި 5 އަހަރުގެތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެހެން ފަރާތަކަށް ވިއްކައި ހިބައިންދީފައިނުވުން ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާފައިނުވުން ހިމެނެއެވެ.
އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތްތަކަށް ނުވުމާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތްތަކަށް ވިއްކައި ހިބައިންދީ ނުވަތަ ދޫކޮށްލާފައިނުވުމަކީވެސް ޝަރުތުތަކުގައި ހިމެނޭކަމެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި ސްކީމަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ އުސޫލުތައް ވީހާވެސް ބޮޑަކަށް ވެރިފައިކުރެވޭނެ ފަދަ ގޮތަކަށްކަމަށެވެ.
ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބަލާނެއެވެ. އަދި އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމާއި، އުމުރުފުރާގެ އިތުރުން އާއިލާގެ ހާލަތުވެސް ބަލާނެއެވެ. އޭގެތެރޭގައި ދަރިންގެ އަދަދު ނުވަތަ ޞިއްޙީ ސަބަބުތަކާހެދި ދަރިން ނުލިބޭނަމަ އެކަމަށް ވެސް ބަލާނެއެވެ.
މިނިސްޓަރީން ބުނީ ކުރިމަތިލުމުގެ އުސޫލާއި ޕޮއިންޓް ދިނުމާ ގުޅޭ އުސޫލުތައް ގަރާރު ނެރުމަށްފަހު ގެޒެޓުގައި ޝާއިއުކުރާނެ ކަމަށެވެ.



