ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން ނުލިބި އޮތް މުހިންމު ފުރުސަތެއް ފަހިކޮށްދިން ދެ މެޗުކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފިއެވެ.
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޓްރޭނިން ކޭމްޕްގެ ތެރެއިން ކުޅުނު މި ދެ މެޗުގައި ވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
ފުރަތަމަ މެޗު ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އިރު، ފަލަސްތީނު މޮޅުވީ 6-0 ންނެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗު ފަލަސްތީނު ކާމިޔާބު ކުރީ 3-0 ންނެވެ.
ސޮބާ ބުނީ، އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، މި ދެ މެޗަކީ އެކަން ފެށުމެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.
ސޮބާ ބުނީ، މިފަދަ މެޗުތައް ރާއްޖެއަށް މުހިންމު ވަނީ ކުޅުންތެރިން ވާދަވެރި މެޗުތަކަށް ހޭނުވުމުގެ ގޮތުން ކަމަށެވެ. މިކަހަލަ މެޗުތަކަކުން ކުޅުންތެރިންގެ ބިރު ކެނޑޭނެ ކަމަށް ސޮބާ ފާހަގަކުރިއެވެ. އަދި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ރާއްޖޭގެ ޓީމުގެ އޯޕަން އެޓޭކިން ގޭމް ދަމަހައްޓަން މަސައްކަތް ކުރާ ކަމަށާއި، އެކަން ސާފް ޗެމްޕިއަންޝިޕުން ފެށިގެން ދަމަހައްޓަމުން އަންނަ ކަމަށް ސޮބާ ބުންޏެވެ.
މި މެޗުތައް ކުޅުނީ އަންނަ އާދީއްތަ ދުވަހު ތައިލެންޑްގައި ފަށާ އޭއެފްސީ 17 އަހަރުންދަށުގެ ކޮލިފައިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ރާއްޖެ ހިމެނޭ ގުރޫޕްގައި ތައިލެންޑް، ކުވައިތު، ތުރްކްމެނިސްތާން އަދި މޮންގޯލިއާ ވެސް ހިމެނެއެވެ.



